ރައްޔިތުންނަށް އޮޅުވާލައިގެން އިދިކޮޅުން 2028 ގެ ރިޔާސީ ކެމްޕޭން ފަށައިފި: މިނިސްޓަރު ޝިޔާމް

ރަސްމާލޭ މަޝްރޫޢު ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ރޭ ބޭއްވި އެއްވުމުގައި ފެނުނީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ލޯންޗުކުރި މަންޒަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސެއް ކަމަށްވާ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ދިވެހީންގެ ބިން ދިވެހިންނަށް" އެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ އެއްވުމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ކަމެއް ނަމަ އޭނާ ވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި، ރޭ ފެނުނު ކަންކަމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތު ދެއްވައިގެން، ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސް ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ވަކާލާތުކުރައްވާ ރައީސަކީ ވެސް ޑރ. މުޢިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ރައްޔިތުންނާ އަހާނުލާ، ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާނުލާ ކުރެއްވި ބޭފުޅުންގެ ސިޔާސީ ނިޔަތް ރައްޔިތުންނަށް ސާފު ކަމަށާއި، ދިވެހީންގެ ދީނާއި ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވައި އެކަންކަން ދިފާޢުކޮށް ހިމާޔަތްކުރާނީ މި ސަރުކާރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ދަރަނީގެ ދަންތުރައިން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދީފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ރޭޓިންގ ރަނގަޅުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީގަލް ހިލްސްއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލޭ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށްދޭނެ މަޝްރޫޢެއް ކަމަށާއި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް