ބިދޭސީންނަށް ބިން މިލްކުވާ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރެއްވީ ޔާމީން: އަޒާން

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދެއްކެވުމާ ގުޅިގެން، އެމަނިކުފާނުގެ ވެރިކަމުގައި ބިދޭސީންނަށް ބިމުގެ ފުރިހަމަ މިލްކުވެރިކަން ލިބޭ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރެއްވިކަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހަނދާންކޮށްދެއްވައިފިއެވެ.

އަޒާން މި ވާހަކަ ފާހަގަކުރައްވާފައިވަނީ، ރަސްމާލޭގެ ބިމުން 500 ހެކްޓަރު ކުއްޔަށް ދޫކޮށްގެން އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ ވޯޓަރ ފްރަންޓް އެންޑް މެރީނާ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ޔާމީން ވާހަކަފުޅު ދެއްކެވުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަޒާން ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ފ. އަތޮޅު ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލަން ބޭނުންފުޅުވުމުން ޤާނޫނުއަސާސީ ބަދަލުކޮށް، ވަކި އަދަދަކަށް އިންވެސްޓްކޮށް 70 އިންސައްތަ ހިއްކުމުން އެ ބިމުގެ ފުރިހަމަ މިލްކުވެރިކަން (ފްރީހޯލްޑް) ލިބޭ ގޮތް ހެއްދެވި ކަމަށެވެ.

އަދި އެ އިޞްލާޙާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ބިން ގަނެވޭ ގޮތް ވެގެންދިޔަ ކަމަށާއި، އޭރު އެއީ "ބޮޑު އިންވެސްޓްމަންޓެއް" ކަމަށް ބެލެވުނު ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.

ނަމަވެސް މިހާރު ޔާމީން ދެކޮޅުހައްދަވަނީ ބިމުގެ ފުރިހަމަ މިލްކުވެރިކަން ދިނުން ނުހިމެނޭ ރަސްމާލެ މަޝްރޫއަށް ކަމަށް އަޒާން ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލާއި ރިއަލް އެސްޓޭޓް ބިލުގައި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީނުގެ ވެރިކަމުގައި އިންވެސްޓަރުންނަށް ބިމުގެ މިލްކުވެރިކަން ދިނުމަކީ ދުރުވިސްނުންހުރި ކަމަކަށް ވީ ނަމަވެސް، މިހާރު އެފަދަ މިލްކުވެރިކަމެއް ނުދީ އިންވެސްޓްމަންޓް ގެނައުން މައްސަލައަކަށް ވެފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ޔާމީން ގަބޫލުކުރައްވާ އުސޫލުތައް ބަދަލުވަނީ އެމަނިކުފާނަށް ފަހިވާ ގޮތަކަށް ކަމަށް ވެސް އަޒާން ފާޑުކިޔުއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް