ރަސްމާލެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނޯންނާނެ: އިމްރާން

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ފުރުސަތު ދީފިނަމަ، ރާއްޖޭގައި ސިޔާސީ ޕާޓީތައް ދެމިއޮތުމުގެ ފުރުސަތު އެއްކޮށް ގެއްލިގެންދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިމްރާން މި ވާހަކަ ވިދާޅުވީ، ރަސްމާލޭގެ ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ތަރައްގީކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، "ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެވެ.

އެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅުގެ އެހެން ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މިހާރުގެ ސަރުކާރު ނޫން ބަޔަކު ވެރިކަމަށް އައިސްފިނަމަ، އީގަލް ހިލްސްއަށް ދީފައިވާ ބިން އެއްވެސް ބަދަލެއް ނުދީ އަނބުރާ ނަގާނެ ކަމަށެވެ.

ނަމަވެސް، މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. މިދިޔަ މަހު ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސިޔާސީ ބޭނުމަކަށްޓަކައި ބައެއް ފަރާތްތަކުން މަޝްރޫއުގެ ހަގީގަތް އޮޅުވާލަމުންދާ ކަމަށާއި، މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވެސް، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއިން ޕްރޮޕަޓީ ނުގަނެވޭ ގޮތަށް މާއްދާތައް ހިމަނާފައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް