ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އާބާދީގެ ސައްހަކަން އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
ޤާނޫނުލްޢުޤޫބާތުގެ ދަށުން ސައުދުގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް ބިނާކޮށްފައިވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށާއި، އެފަދަ ކަމަކަށް ސައުދު ފަރުދީ ގޮތުން ޒިންމާވާން ޖެހުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ މުޅިން ހިލާފު ކަމެއް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"މި މައްސަލަތަކުގައި ދައުވާ އުފުލުމަށްޓަކައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކޮށްފައިވަނީ، އެހެނިހެން މައްސަލަތަކުގައި ކަންކުރާ ގޮތާ އިދިކޮޅަށް އާދަޔާ ހިލާފު ބާރުމިނެއްގައެވެ،" އެ ބަޔާނުގައި ވެއެވެ.
ކްރިމިނަލް ކޯޓުން ވެސް، ކޯޓަށް ހުށަހެޅިފައިވާ އެހެން ދައުވާތަކާ ހިލާފަށް ވީ އެންމެ އަވަހަކަށް މި މައްސަލަތަކުގައި ހުކުމްކުރުމަށް އަމާޒުހިފާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ދައުލަތުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސައުދު އަލީ އަލުން މޭޔަރުކަމަށް އިންތިޚާބުވިޔަސް މަގާމު ގެއްލުވައިލައި ޖަލަށްލާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއްމު ތަނެއްގައި އިންޒާރުދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ދައުވާތައް ހުށަހެޅި ކަމަށް ވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ބުނީ މި ކަންކަން ކުރަނީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ތިނަދޫގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށާއި، އެއީ ޤާނޫނުއަސާސީއާއި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.





