މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އާ ގަވާއިދުތައް އާންމުކޮށްފި

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން އަލަށް އުފެއްދި "މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން" މީޑިއާތައް ރަޖިސްޓްރީކުރުމާއި، މައްސަލަ ބަލައި ފިޔަވަޅު އެޅުމާ ގުޅޭ މުހިންމު ތިން ގަވާއިދެއް މިއަދު އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން މިއަދު ގެޒެޓްކުރި ގަވާއިދުތަކަކީ:

  1. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު

  2. މީޑިއާ ކޮމިޝަނަށް ހުށަހަޅޭ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު

  3. އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު

ޝަކުވާ ހުށަހެޅުމާއި މައްސަލަ ބެލުން

އާ ގަވާއިދުގައިވާ ގޮތުން، މީޑިއާއަކުން ފެތުރި ކޮންޓެންޓަކާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ، އެ ކަމެއް ހިނގާތާ 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި ޝަކުވާ ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން އެ މައްސަލައަކަށް ގޮތެއް ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބޮޑެތި ޖޫރިމަނާތަކާއި ފިޔަވަޅުތައް

ސުލޫކީ މިންގަނޑުތަކާ ނުވަތަ ލައިސަންސްގެ ޝަރުތުތަކާ ހިލާފުވާ މީޑިއާތަކަށް އާ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ.

  • ބްރޯޑްކާސްޓަރުން: 50,000ރ. އާއި 250,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

  • ނޫސް މަޖައްލާތައް: 5,000ރ. އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

ޖޫރިމަނާގެ އިތުރުން، ކުށް ތަކުރާރުވާ ނަމަ އާންމުކޮށް މައާފަށް އެދުމަށް އެންގުމާއި، މީޑިއާގެ ރަޖިސްޓްރީ ނުވަތަ ލައިސަންސް ބާތިލްކުރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ދީފައެވެ.

މި އާ އިދާރާއަކީ ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓައި، މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލައި، ސަރުކާރުގެ ބޮޑު ނުފޫޒެއް އޮތް ގޮތަށް އެކުލަވާލާފައިވާ ކޮމިޝަނެކެވެ. މިއަދު އަމަލުކުރަން ފެށި ގަވާއިދުތަކާއެކު، ރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރުމުގެ ހުރިހާ ބާރެއް މިހާރު ވަނީ މި ކޮމިޝަނުގެ ދަށަށް ބަދަލުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް