އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ހުށަހެޅުންތަކަށް ދިން ވަރުގަދަ ފާޑުކިޔުންތަކަކާއެކު މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބަލަދަލުވުމުގައި މީކާއިލް ވަނީ ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި "ބޮޑު ބަދަލު" ތަކަކީ އެމްޑީޕީގެ އާންމު މެންބަރުންގެ މަޝްވަރާ ނެތި، ޕާޓީގެ އުސޫލުތަކާ ޚިލާފަށް "މަތިން ތިރިއަށް" އައި ބަދަލުތަކެއްގެ ގޮތުގައި ސިފަކުރައްވައި ބޮޑެތި ހަމަލާތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އާންމު މެންބަރުންގެ ބަސް އިސްކުރާ ޕާޓީއަކަށް ވާއިރު، މިފަދަ ނިޒާމީ ބަދަލުތައް ހުށަހަޅަންވާނީ ގައުމީ މަޖިލީހާއި މެންބަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
މީކާއިލްގެ ކެމްޕޭންގެ މުހިންމު އަމާޒުތައް:
-
2028 ކާމިޔާބުކުރުން: ޕާޓީގެ ސަފުތައް ބަދަހިކޮށް، ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު ހޯދައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން.
-
މެންބަރުންގެ މަސްލަހަތު: އެއްވެސް ފަރުދެއްގެ އަމިއްލަ މަސްލަހަތަށްވުރެ ޕާޓީ އާއި އާންމު މެންބަރުންގެ މަސްލަހަތު އިސްކުރުން.
-
ޒުވާން ލީޑާޝިޕް: އެމްޑީޕީގެ ލީޑާޝިޕުން އާ ޒުވާން ޖީލަކަށް ފުރުސަތު ދިނުމަށް ގޮވާލުން.
-
ގުޅުން ބަދަހިކުރުން: ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުން ކުޑަވެފައިވާތީ، އެ ގުޅުން އަލުން އިއާދަކުރުމަށް މަސައްކަތު ޕްލޭނެއް އެކުލަވާލުން.
މީކާއިލް ވިދާޅުވީ އޭނާއަށް އާންމު މެންބަރުންގެ އިތުބާރު އެބައޮތް ކަމަށާއި، އިންތިހާބުން ކާމިޔާބުވިޔަސް ނުވިޔަސް މެންބަރުންނާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މީކާއިލްގެ އިތުރުން މި އިންތިހާބުގައި ކުރީގެ ރައީސް ނަޝީދާއި އަލްހާން ފަހުމީ ވާދަކުރައްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި މީކާއިލް ވަނީ ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި "މަސްހުނި ނިޒާމުގެ" ސިފަތަކަށް އިޝާރާތްކުރައްވައި، ޗެއާޕާސަނެއްގެ އަމާޒަކަށް ވާންޖެހޭނީ ނިޒާމީ ބަދަލުތަކުގެ ބަދަލުގައި ޕާޓީ ހަރުދަނާކޮށް ހިންގުން ކަމަށް ބުނެ ނުސީދާ ހަމަލާތަކެއްވެސް ދެއްވާފައެވެ.




