ރާއްޖޭގައި ސޯލާ ޕެނަލްތައް ބަހައްޓާނެ އެއްގަމު ބިމުގެ ޖާގަ ނެތުމުން، ރާއްޖެއިން މިހާރު އިސްކަން ދެނީ ފްލޯޓިންގ ސޯލާ ނިޒާމުތައް ޤާއިމުކުރުމަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ޖަރުމަނުގެ ބްރޯޑްކާސްޓަރު ޑޮއިޗެ ވެލާ (ޑީޑަބްލިޔު) އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު މިހެން ވިދާޅުވީ، ފޮސިލް ފިއުލް ނުވަތަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް ހުރި ޖޯގްރަފީ އަދި ޢުމްރާނީ ދަތިތަކަށް އަލިއަޅުއްވާލައްވަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުމުގެ މަސައްކަތްތަކަށް އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއި މާލީ އެހީތެރިކަން ކޮންމެހެން މުހިންމު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ ހިލޭ އެހީ ލިބުން މުހިންމު ނަމަވެސް، ހަމައެކަނި އެފަދަ އެހީއަށް ބަރޯސާވެގެން ތިބެވެން ނެތް ކަމަށާއި، މަލްޓިލޭޓަރަލް ފަންޑުތަކުގެ އެހީން އެކަނި މިކަން ޙާޞިލުނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑެތި ޕްރައިވެޓް އިންޑަސްޓްރީތަކަކީ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ފަރާތްތަކަށް ވާތީ، އެ ފަރާތްތައް މޫސުމީ މަޝްވަރާތަކުގެ މޭޒަށް ގެނައުމަކީ މުޅި ދުނިޔެއަށް ވެސް ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކަނޑުގެ ލޮނގަނޑު އުފުލުމާއި މޫސުމީ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ދުނިޔެ ހޫނުވުމުގައި އެންމެ ކުޑަކޮށް ޒިންމާވާ އެއް ޤައުމަކީ ރާއްޖެ ކަމުގައި ވިޔަސް، އޭގެ ނުރައްކަލާއި ގެއްލުން އެންމެ ބޮޑަށް އުފުލަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، މޫސުމީ ވިލުންވެރިކަމުގެ މަޝްރޫޢުތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރެވިއްޖެނަމަ، މި މަސައްކަތްތައް އެތައް ގުނައަކަށް އަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.





