ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައި ހައްޔަރުކުރި، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން އިތުރު 16 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
މިއީ ޒިހާންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. މިދިޔަ އޮކްޓޫބަރު 20 ގައި ހައްޔަރުކުރި ޒިހާންގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަސް ކަމަށްވާއިރު، ދެވަނަ ފަހަރަށް ވަނީ 14 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވުމުން، މިފަހަރު ބަންދަށް ޖެހީ 16 ދުވަހެވެ.
ޒިހާން ހައްޔަރުކުރީ، ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގައި ހުޅުޖެހުމުގެ ފުރުޞަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށް، އެ ތަންތަނުގައި ރޯކޮށްލުމަކީ "މަޖާ" ކަމަކަށް ވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޒިހާނަކީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓެއް ކަމުގައި ވާއިރު، މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކޮށްފައިވާ މީހެކެވެ. ފަހުން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.





