ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް ޕްރީ-ވޮކޭޝަނަލް ޕްރޮގްރާމެއް ފަރުމާކުރަން ކޮންސަލްޓެންޓެއް ހޯދަނީ

ސްކޫލްތަކުގެ ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޚާއްޞަ ޕްރީ-ވޮކޭޝަނަލް ޕެކޭޖެއް އެކުލަވާލުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ "ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް" ގެ އެހީގައި، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން މެދުވެރިކޮށެވެ. އުނގެނުމުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުން ވެސް ހިމެނޭ ގޮތަށް، ދަރިވަރުންނަށް ޢަމަލީ އަދި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭނެ ޕެކޭޖެއް ފަރުމާކުރުމާއި، އެ ޕެކޭޖް ސްކޫލްތަކުގައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންސަލްޓެންޓުގެ މައިގަނޑު ޒިންމާއެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހުނަރަށް ބިނާކުރެވިފައިވާ ތަޢުލީމު ފުޅާކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން 28 ސްކޫލެއްގައި އަދި "ނިއު ޕޮލިސީ އިނިޝިއޭޓިވް" ގެ ދަށުން އިތުރު 6 ސްކޫލެއްގައި "ސްކިލްސް ހަބް" ވަނީ ޤާއިމުކޮށްފައެވެ. އެ ތަންތަނުގައި ކެއްކުމާއި ފެހުމާއި ކުރެހުމުގެ އިތުރުން ވަޑާންކުރުން ފަދަ ޢަމަލީ ދާއިރާތަކުން ދަރިވަރުންނަށް ތަމްރީނު ދެމުންދެއެވެ.

ނަމަވެސް އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުންނަށް އެކަށޭނަ ހުނަރުގެ ޕްރޮގްރާމްތައް މަދުވުމާއި މުދައްރިސުންގެ ތަމްރީނު މަދުވުން ފަދަ ގޮންޖެހުންތައް ހުރިކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަލަށް އެކުލަވާލާ ޕްރޮގްރާމުގެ މަޤްޞަދަކީ، އެފަދަ ދަރިވަރުން ވަޒީފާގެ ބާޒާރަށް ތައްޔާރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބަޔަކަށް ހެދުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް