ރާއްޖޭގައި ހަކަތަ އުފައްދަން ބޮޑަށް ބަރޯސާވަނީ އިމްޕޯޓުކުރާ ތެލަށް ކަމަށްވާތީ، ކަރަންޓުގެ ޚިދުމަތުގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވަމުންދާ ކަމަށާއި، ދުރުރާސްތާ ޕްލޭންތަކެއް ވެސް އެކުލަވާލަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޑރ. މުއާވިޔަތު މިހެން ވިދާޅުވީ، ހަކަތައިގެ ދާއިރާއިން ފާއިތުވި 3 އަހަރު ދުވަހާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ކޮންމެ ހިސާބަކަށް އަންނަ ލޮޅުމަކުން ވެސް ހަކަތައިގެ ދާއިރާއަށް އަސަރުކުރާތީ، މިހާރު ކުރެވިދާނެ ކަންކަމަށް ތައްޔާރުވަމުންދާ ކަމަށް ޑރ. މުއާވިޔަތު ވަނީ ވިދާޅުވެފައެވެ.
ޑރ. މުއާވިޔަތު ވިދާޅުވި ގޮތުގައި، މި އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ހަކަތައިގެ ސެކްޓަރުން ޖީޑީޕީގެ 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ މިންވަރެއް ހިއްސާކުރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިހާރުގެ އަންދާޒާތަކުން ފެންނަނީ އެ އަދަދު އެއަށްވުރެ މައްޗަށް ދާނެ ކަމަށެވެ.
ވުޒާރާގެ އެސިސްޓެންޓް އިންޖިނިއަރު އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި، ހަކަތައިގެ ދާއިރާއިން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތެވެ.
ރާއްޖޭގެ ރަށްތަކަށް ކަރަންޓު ބޭނުންވާ މިންވަރު ބޮޑުވަމުންދާތީ، ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އިއާދަކުރަނިވި ހަކަތައަށް ޚިދުމަތް ބަދަލުކުރުމަށް ވިސްނުންތަކެއް ގެންގުޅެމުންދާ ކަމަށް ވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.





