ކްރޮސްރޯޑްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރީގައި ދިޔަވަމުންދިޔަ ޑިންގީއެއްގައި ތިބި ހަތް އަންހެނުންނާއި ހަތް އަހަރުގެ ކުޑަކުއްޖަކު، އެމްއެންޑީއެފް ކޯސްޓްގާޑުން ރޭ ސަލާމަތްތެރިކަމާއެކު ހުޅުމާލެއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ، 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއެއް ދިޔަވަމުންދާކަމުގެ މައުލޫމާތު ރޭ 20:11 ހާއިރު ލިބުމުން، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ "ހާބަރކްރާފްޓް 113" ލޯންޗު، ޑައިވަރުންނާއި ޕަމްޕާއެކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުން ޑިންގީ ބެލިއިރު، ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ފާހަގަކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެހެންކަމުން ޑިންގީން ފެން ހިއްކުމަށްފަހު، ޑިންގީ ހުޅުމާލެއަށް ދަތުރުކުރީ ތިން މީހުންނާއެކުއެވެ. ޑިންގީގައި ތިބި އަންހެނުންނާއި ކުއްޖާ ރޭ 21:30 ހާއިރު ހުޅުމާލެއަށް ގެންގޮސްދީފައިވަނީ ކޯސްޓްގާޑުގެ ސިފައިންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.





