ރިޔާޟްގެ ޕީއައިއެފް ޓަވަރަށް ޙޫޘީން ދިން ހަމަލާއިން ގެއްލުންތަކެއް ލިބިއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ އެންމެ އުސް އިމާރާތަށް ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާއެއްގެ ސަބަބުން، އެ ޓަވަރާއި ކައިރީގައި ހުރި އިމާރާތްތަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

ހަމަލާ ދީފައިވަނީ ރިޔާޟްގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓުގައި ހުންނަ، ސަޢޫދީގެ ސޮވެރިން ވެލްތު ފަންޑު (ޕީއައިއެފް)ގެ މައި މަރުކަޒު ހުންނަ ޓަވަރަށެވެ. ސަޢޫދީގެ މަދަނީ ދިފާޢަށް ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އެސްޕީއޭއިން ބުނީ، ޓަވަރުގެ ގިނަ ފަންގިފިލާތަކަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މި ހަމަލާގެ ސަބަބުން ޓަވަރުގެ 7 ވަނަ އަދި 8 ވަނަ ފަންގިފިލާގެ ބިއްލޫރިތައް ތަޅައިގެން ގޮސް، އިމާރާތުގެ ބޭރުގައިވާ ދަގަނޑު ބައިތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، ރޭ ދަންވަރު ޙޫޘީން ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވި ގިނަ ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް ސަޢޫދީ ކޯލިޝަނުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް