ޖުމްހޫރީ ދުވަހަކީ ގައުމުގެ މުސްތަގުބަލާމެދު ފިކުރުކުރަންވީ ދުވަސް: ރައީސް

ޖުމްހޫރީ ދުވަހަކީ ދިވެހި ދައުލަތުގެ ވެރިކަމާމެދު ދިވެހިން ބަސް އިއްވި ދުވަސް ކަމަށާއި، އެއީ ދިވެހިންގެ އިއްޔެއާއި މިއަދާއި މާދަމާއާމެދު ވިސްނައި، ގައުމުގެ މުސްތަގުބަލާމެދު ފިކުރު ހިންގަންވީ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވަމުންނެވެ. އެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދައުލަތުގެ އިސް ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްހޫރަކީ ގިނަ ރައްޔިތުން ކަމަށާއި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހޮވާ ވެރިއަކު ހިންގާ ވެރިކަން ކަމަށްވާތީ، މި ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކުރާ ދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ 4،000 އަހަރުވީ ތާރީޚާއި އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަކީ ނަސީބުވެރި ބައެއްކަން އެނގޭނެ ކަމަށާއި، ވަރަށް ފަހަކާ ޖެހެންދެން ވެސް ރާއްޖޭގެ އާބާދީ އެއް ލައްކަ ހަމަނުވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިހާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް، މިނިވަންކަންމަތީ ތިބެން މާތް ﷲ މިންވަރުކުރެއްވި އާދަޔާ ހިލާފު ހަގީގަތަކީ ވަރަށް މަތިވެރި ނިޢުމަތެއް. ވަރަށް ބޮޑު އުފަލެއް." ރައީސް ވިދާޅުވިއެވެ.

އަމިއްލަ މިނިވަން ބިމެއް ނެތުމުގެ ސަބަބުން އެތައް މިލިއަން މީހުން އަނިޔާއާއި ހިތްދަތިކަން ތަހައްމަލުކުރާ ހާލަތު ކޮންމެ ދުވަހަކު ފެންނައިރު، ދިވެހިންނަށް ލިބިފައިވާ މިނިވަންކަމާއި އަމާންކަމަށްޓަކައި މާތް ﷲ އަށް އަބަދުވެސް ޝުކުރުވެރިވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައި، ޤައުމީ ފެންވަރުގައި ޝަރަފުވެރި އިނާމު ހާސިލުކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް