ކާބަން ބޭރުކުރުން މަދުކުރުމަށް ޖަޕާނުން ހިންގާ ޖޭސީއެމްގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެއްޖެ

ތަރައްގީވަމުން އަންނަ ޤައުމުތަކަށް ކާބަން ބޭރުކުރާ މިންވަރު ދަށްކުރުމަށް ޖަޕާނުން އިސްނަގައިގެން ހިންގާ ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް (ޖޭސީއެމް) ގެ ބައިވެރި ޤައުމުތަކުގެ 12 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ކޮޕް31 ސަމިޓުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުން ބާއްވާފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އިސްނެގުމުގައެވެ. ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ޑިރެކްޓަރ އަހްމަދު ވަހީދެވެ.

ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަކުރުމަށް ޤައުމުތަކުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ބައްދަލުވުމުގައި ވަނީ ފުޅާ މަޝްވަރާތަކެއް ކޮށްފައެވެ.

ޖޭސީއެމްގެ ދަށުން ރާއްޖޭގައި ވެސް ތިމާވެއްޓާ ރައްޓެހި ގިނަ މަޝްރޫއުތަކެއް މިހާރު ހިންގަމުން ދާއިރު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދުކުރުމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރެވެމުން ދެއެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ބައިވެރިވުމުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް