ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރަމުންދާ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، މި ދެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައެވެ.
ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޖުޑީޝިއަރީ ކޮމިޓީގެ އީމެއިލް އެޑްރެސްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހިޔާލު ފޮނުވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލަށް މި މަހުގެ 27 ވަނަ ދުވަހުގެ 14:00 އާ ހަމައަށާއި، ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރަމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ޑިސެމްބަރު 2 ގެ 14:00 އާ ހަމައަށް ވެސް އާންމުންނަށް ހިޔާލު ހުށަހެޅޭނެއެވެ.





