މީގެ ހަތަރު އަހަރު ކުރިން އއ. މާޅޮހު ކައިރީގައި ބަންޑުން ޖަހާލި ލޯންޗަކުން ގެއްލުނު ސ. ހިތަދޫ، މިންހާ، މުޙައްމަދު މިންހާޖު (29) ނިޔާވެފައިވާ ކަމަށް ކަނޑައަޅައި، އޭނާގެ ޣައިބަށް މާދަމާ ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.
ކަށުނަމާދު ޕޭޖުން މިއަދު ކުރި ޕޯސްޓުގައިވާ ގޮތުން، މިންހާޖުގެ ޣައިބަށް ކަށުނަމާދު ކުރާނީ މާދަމާ ހުކުރު ނަމާދަށް ފަހު ސަލްމާން މިސްކިތުގައެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މާލޭގެ ކުނިކޮށި ސަރަހައްދުން ފުރައިގެން އއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް މާޅޮހު ކައިރީގައި ބަންޑުން ޖަހާލިއިރު، އެ ލޯންޗުގައި ދަތުރުކުރީ ދެ މީހުންނެވެ. އެ ދެ މީހުންގެ ތެރެއިން މިންހާޖު ގެއްލުނު އިރު، އަނެއް މީހާ ފަތާފައި އއ. ފެރިދުއަށް އަރައި ސަލާމަތްވިއެވެ.
މިންހާޖު ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއްގައި އޭރު ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، އޭނާ ފެނިފައެއް ނުވެއެވެ.
ގެއްލޭ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު މަރުވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.





