އާންމު ރައްޔިތުންގެ ކުރިއެރުމަށް ހުރަސްއެޅުމަކީ ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށާއި، އެމްޑީޕީއަކީ ތަފާތު ސަގާފަތްތަކަށް ހުޅުވިފައިވާ ލިބަރަލް ޕާޓީއެއް ކަމަށް ކުރީގެ ރައީސް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، "ޓަކާ ޓަކާ" ގޮވައިގެން ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށެވެ.
ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުންގެ ގެދޮރާއި ބިން މާލޭގެ އިތުރުން ސްރީލަންކާގައި ވެސް އެބަހުރި ކަމަށާއި، އެ ބޭފުޅުންގެ ދަރިން ބޭރުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާއިރު، އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާ ދެކޮޅަށް އަޑުއުފުލަމުން ދާ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ދަންނަ އެމްޑީޕީއަކީ އަމިއްލަ ނޭފަތު ކުރިއަށްވުރެ ދުރަށް، ރަށުގެ ގޮނޑުދޮށާއި އަތޮޅުގެ ދުނިން ބޭރަށް، މުޅި ރާއްޖޭގެ އިންފާރުން ބޭރަށް ވިސްނުން ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ މަލްޓިކަލްޗަރަލް އަދި ލިބަރަލް ވިސްނުމުގެ ޕާޓީއެއްގެ ގޮތުގައި ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
އެމްޑީޕީން ދެކޭ ގޮތުގައި ދިވެހި ރައްޔިތުން އަބަދުވެސް އެދެނީ ތަނަވަސްކަމާއި، ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މި ޕޯސްޓު ކޮށްފައިވަނީ، ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގަން ރާވާފައިވާ މަޝްރޫޢާ ދެކޮޅަށް ކުރިއަށްދާ ހަރަކާތްތަކުގައި އެމްޑީޕީގެ ބައެއް ބޭފުޅުން ބައިވެރިވަމުންދާ ދުވަސްވަރުގައެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫޢަށް ތާއީދުކުރައްވާ ކަމަށެވެ.





