ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާއިރު "އޮނަރަބަލް"ގެ ލަޤަބު ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައި، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާނެ ރަސްމީ ގޮތްތައް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ސާކިއުލަރުގައިވާ ގޮތުން، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަދައްކާއިރު ވެސް މި ލަޤަބުތައް ބޭނުންކުރަންޖެހޭނެއެވެ.
ކުރިން ހަމަޖައްސާފައި އޮތް ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާއިރު ހިމަނަންޖެހެނީ ހަމައެކަނި އެ ބޭފުޅެއްގެ މަޤާމުގެ ނަމެވެ.
އާ ސާކިއުލަރުގައިވާ ގޮތުން، ހައިކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާއިރު މަޤާމުގެ ނަމާއެކު "އަލްއުސްތާޛު" ނުވަތަ "އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު"ގެ ލަޤަބު ބޭނުންކުރަންޖެހޭނެއެވެ.
އެގޮތުން، ހައިކޯޓުގެ އިސް ފަނޑިޔާރަށް "ހައިކޯޓުގެ އިސް ފަނޑިޔާރު" ގެ ނަމުންނާއި، ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް "ފަނޑިޔާރު" ގެ ނަމުން މުޚާޠަބުކުރާނެއެވެ. ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓު ފަދަ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް "އިސް ޤާޟީ" އަދި އެހެން ފަނޑިޔާރުންނަށް "ޤާޟީ" ގެ ނަމުން މުޚާޠަބުކުރާނެއެވެ.
އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "މެޖިސްޓްރޭޓް" ގެ ނަމުންނެވެ.
ތަފާތު ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭއިރު، ކޯޓުތަކުގެ ދަރަޖައާ އެއްގޮތަށް ފަނޑިޔާރުންނާ މުޚާޠަބުކުރުމުގައި އެއްގޮތް އުޞޫލެއް ޤާއިމުކުރުމުގެ ގޮތުން މި ނިންމުން ނިންމާފައިވާ ކަމަށް ސާކިއުލަރުގައި ބަޔާންކޮށްފައިވެއެވެ.





