މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިއްޖެ: މިނިސްޓަރު ޝިޔާމް

މަސްވެރިން ކިރާ މަހުގެ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކިރާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެން ދިއުން ކަމަށާއި، ގިނަ މަސްވެރި އާއިލާތަކަކުން އެ އުނދަގޫ ތަހައްމަލުކުރަމުން ދިޔަ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ޚާއްޞަ އިސްކަމެއް ދެއްވީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާ ދީ ޚަލާޞްކުރުމަށް ކަމަށާއި، ވެރިކަމަށް އަހަރެއް ނުވަނީސް އެ ވަޢުދު ފުއްދެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ އަނެއް ކަންބޮޑުވުމަކީ ފަސޭހައިން އައިސް ނުލިބުން ކަމަށާއި، އެކަން ހައްލުކުރުމަށް 21 ރަށެއްގައި އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރާއްޖޭގެ ސަރުކާރަކުން އެންމެ ގިނަ އައިސްޕްލާންޓު ގާއިމުކުރީ މި ސަރުކާރުން ކަމަށާއި، 5 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އައިސްޕްލާންޓު ގާއިމުކުރި ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވެސް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސާޅީހަކަށް އަހަރު ވަންދެން ރާއްޖޭގައި އޮތީ އެންމެ ފެކްޓަރީއެއް ކަމަށާއި، ރާއްޖެއިން ބޭރުކުރާ މަހުގެ 85 އިންސައްތަ ބޭރުކުރަނީ ރޯ މަހުގެ ގޮތުގައި ކަމަށާއި، އެހެންކަމުން ފެކްޓަރީތައް އިތުރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި 3 ފެކްޓަރީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސް ރައްކާކުރެވޭނެ ގޮތެއް ނެތުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ރައީސް މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި 3 އަހަރަކީ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އުފާފާގަތިކަން ގެނެސްދިން 3 އަހަރު ކަމަށާއި، މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރި ސަރުކާރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް