ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު، ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކުރި 21 އަހަރުގެ ދެ ފިރިހެނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ މާލެ، ގ. ސިނަމާލެ 022-13، މުޙައްމަދު އިޔާޒް ޢަބްދުﷲ (21އ) އާއި އދ. ދިއްދޫ، ނޫރާނީވިލާ، ޙުސައިން ޒަޔާން (21އ) ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި، އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 7 ދަޅާއި، 6 ރަބަރު ޕެކެޓާއި، 18 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމެވެ.
ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އިޔާޒް ޢަބްދުﷲ 7 ދުވަހަށާއި ޙުސައިން ޒަޔާން 10 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.





