ރަސްމާލޭގައި ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސްއާއެކު ހިންގަން ނިންމާފައިވާ މަޝްރޫޢު ހުއްޓާލުމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ސަރުކާރަށް ގޮވާލައިފިއެވެ.
އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް މި މަޝްރޫޢު މިހާރުން މިހާރަށް ހުއްޓާލުމަކީ ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށެވެ.
މި ބަޔާން ނެރެފައިވަނީ ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން، ޖަމްޢިއްޔާގެ ޢިލްމީ ދިރާސާތަކާއި ބަޙުޘްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ދިރާސާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ޤައުމަކަށްވާތީ، ޣައިރު މުސްލިމުން ރާއްޖޭގައި ރަށްވެހިކުރުމަށް ނުވަތަ ވަޒަންވެރިކުރުމަށް އެއްވެސް ގޮތަކަށް މަތިން ޢިލްމުވެރިންގެ ގުޅުމުން ތާއީދެއް ނުކުރާ ކަމަށެވެ.
ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި މުސްލިމަކު ނޫން މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށާއި، 10 ވަނަ މާއްދާގައި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނުގެ ހުކުމަކާ ހިލާފު ޤާނޫނެއް ހެދިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދިގެން ދިއުމަކީ އެ ދެ އަސާސަށް ބުރޫއަރާ ކަމެއް ކަމަށް ވެސް ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވެއެވެ.





