މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގާ ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، މަސްވެރިކަމަށް ޝައުޤުވެރިވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ.
ވުޒާރާއިން ބުނީ، މި ޕްރޮގްރާމް ހިންގަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި އެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމުގެ ގޮތުން ކަމަށެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށެވެ.
ޕްރޮގްރާމުގެ ބައިވެރިންނަށް މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ ފާހަގަކޮށްލެވޭ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، ރާއްޖޭގެ އެންމެ ފުންނާބު ކެޔޮޅުންގެ ފަރާތުން ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ތަމްރީނުގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމުގައި ބައިވެރިވެވޭނީ މިހާރު ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، 3 ޑިސެމްބަރ 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވުޒާރާއަށް ހުށަހަޅަން ޖެހޭނެއެވެ.
ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ.





