2027 ގެ ބަޖެޓަށް ބަދަލެއް ނުގެނެސް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފި

2027 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބަޖެޓު، ހުށަހެޅިފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.

މި ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ތާއީދުކުރެއްވިއިރު، ބަޖެޓު ފާސްވެފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާޤުންނެވެ.

ފާސްކުރި ހުށަހެޅުމުގައިވާ ގޮތުގައި، 2027 ގެ ބަޖެޓުގެ ޖުމުލަ އަދަދަކީ 59,704,440,795 ރުފިޔާއެވެ. ހިލޭ އެހީއާއެކު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 43,150,106,809 ރުފިޔާއާއި، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 8,211,992,410 ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.

ބަޖެޓުގެ މައިގަނޑު 10 ދާއިރާއެއް ހިމަނާފައިވާއިރު، އެންމެ ބޮޑު އަދަދެއް ކަމަށްވާ 10.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ޞިއްޙީ ދާއިރާއަށެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ހުށަހަޅާ ބަޖެޓެއް ކަމަށް ފާސްކުރި ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ. މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ނުގެންނަން ނިންމީ، ފިނޭންސް މިނިސްޓަރު ކޮންޓިންޖެންސީ ބަޖެޓުން ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ދީފައިވާތީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް