ތިން އަހަރުގެ ތެރޭގައި 313 ބޭރުގެ އިންވެސްޓުމެންޓު ގެނެވުނު: މިނިސްޓަރު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 313 ބޭރުގެ އިންވެސްޓުމެންޓު ރާއްޖެއަށް ގެނެވިފައިވާ ކަމަށާއި، މިއީ ކުރީގެ ސަރުކާރުތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ބޭއްވި ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވި ގޮތުގައި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާމެދު އަލުން ހޯދުމަށް ފުރަތަމަ ކުރެވުނު މަސައްކަތަކީ ސާޅީހަކަށް އަހަރުވީ ފޮރިން އިންވެސްޓުމެންޓު ގާނޫނުގެ ބަދަލުގައި ޒަމާނީ އައު ގާނޫނެއް ވުޖޫދުކުރުމެވެ. ދެފުށް ފެންނަ، ރައްކާތެރި އަދި ޔަގީންކަން ބޮޑު ގާނޫނީ އޮނިގަނޑެއް ނެތި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ނާންނާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުތަކާ އަޅާކިޔަވަމުން ސައީދު ވިދާޅުވީ، 2008 އިން 2013 އަށް ރާއްޖެއަށް ގެނެވުނީ 212 ބޭރުގެ އިންވެސްޓުމެންޓު ކަމަށާއި، 2013 އިން 2018 އަށް 406 އިންވެސްޓުމެންޓު، އަދި 2018 އިން 2023 އަށް 245 އިންވެސްޓުމެންޓު ގެނެވުނު ކަމަށެވެ.

ބޭރުގެ އިންވެސްޓުމެންޓުތަކާއެކު ރާއްޖެއަށް އައު ރައުސުލްމާލާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފުވަމުންދާ ކަމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއަށް އިތުބާރުކުރަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ދެމެހެއްޓެނިވިކަމާއި، ދައުލަތުން ނަގާ ދަރަނި އަދާކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް