ޤައުމު ބިނާކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން އަހަރަކު އެއްފަހަރު ދޭ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނުގައިވާ ގޮތުގައި، ޝަރުތު ހަމަވާ ފަރާތްތަކަށް ނަން ހުށަހެޅޭނީ އަންނަ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށެވެ. 2025 އިން 2026 އަށް ޒުވާނުންގެ އިނާމު ދޭނީ ތަފާތު 22 ދާއިރާއަކުންނެވެ.
އިނާމު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ދޭނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
އެޕްލިކޭޝަން ފޯމު ގޫގުލް ލިންކެއް މެދުވެރިކޮށާއި ވެލާނާގޭގެ ތިންވަނަ ފަންގިފިލާގެ މައި ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް ވެލާނާގެއިންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން ކުރިމަތިލާ ފަރާތްތަކަށް ވުޒާރާގެ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.





