ސައިޓީސް މުއާހަދާއާ ގުޅޭ ތަމްރީނެއް ކަސްޓަމްސް އޮފިސަރުންނަށް ދީފި

ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން ބާއްވާފައިވަނީ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" (ސައިޓީސް) މުއާހަދާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ތަމްރީނުގައި ސައިޓީސްގެ ޤާނޫނީ އޮނިގަނޑާއި، ހުއްދަ ދޫކުރުމުގެ މިންގަނޑުތަކާއި، ސައިޓީސްގައި ހިމެނޭ ދިރޭތަކެތީގެ ބާވަތްތައް ދެނެގަންނާނެ ގޮތްތައް ވަނީ އޮޅުންފިލުވައިދީފައެވެ. އަދި އޮޅުވާލައިގެން ހަދާފައިވާ ވަގު ހުއްދަތައް ދެނެގަންނާނެ ގޮތްތަކާއި، ވަގަށް އެތެރެކުރާ ދިރޭތަކެތި ހުއްޓުވުމުގައި ކަސްޓަމްސް އޮފިސަރުންގެ ދައުރާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

ޢަމަލީ ތަމްރީނުތަކާއި ކޭސް ސްޓަޑީތައް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ސަބަބުން، ލިޔެކިޔުންތައް ޗެކްކުރުމާއި ހުއްދަތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ އިތުރުން، ޤަވާޢިދާ ޚިލާފަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ދިރޭތަކެއްޗާމެދު ޢަމަލުކުރާނެ އިޖުރާއަތްތަކާ ގުޅޭ ތަޖުރިބާ ބައިވެރިންނަށް ވަނީ ލިބިފައެވެ.

ވުޒާރާއިން ބުނީ، ރާއްޖޭގައި ސައިޓީސް މުއާހަދާ ފުރިހަމައަށް ތަންފީޛުކުރުމަށާއި ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ޙިމާޔަތްކުރުމަށްޓަކައި ކަސްޓަމްސް އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް