ކޮޕް31 ސަމިޓުގެ ހަވާސާގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އިޓަލީވިލާތުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ސެކިއުރިޓީއާ ދެމެދު ރަސްމީ ބައްދަލުވުމެއް ބާއްވައި، ދެ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި މައުލޫމާތުގައި ވަނީ، މި ބައްދަލުވުމުގައި ދެ ޤައުމުގެ ވުޒާރާތަކުގެ އިސް އޮފިޝަލުން މީގެކުރިން ސޮއިކުރެވިފައިވާ ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ ކުރިއެރުންތައް ފުޅާ ދާއިރާއެއްގައި މުރާޖަޢާކުރެއްވި ކަމަށެވެ.
އަދި މިހާރު ހިނގަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ދެފަރާތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ކުރިމަގުގައި ހިންގިދާނެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ދެ ޤައުމުގެ ގުޅުން ތިމާވެށީގެ ދާއިރާއިން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.





