ފަރަންސޭސިވިލާތާއެކު ގަވާއިދުން ސިޔާސީ މަޝްވަރާތައް ބާއްވަން ސޮއިކޮށްފި

ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު ގަވާއިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދޭ "ލެޓަރ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި ދެ ޤައުމުގެ ސަރުކާރުތަކުން މިއަދު ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. ފަރަންސޭސިވިލާތު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެމީ ލެމްބާރޓް އެވެ.

ޚާރިޖިއްޔާއިން ހާމަކުރި ގޮތުގައި، މި ލެޓަރ އޮފް އިންޓެންޓްގައި ސޮއިކުރުމުން ދެ ޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމަށް މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ވެސް ތައްޔާރުވެފައިވާކަން މި އެއްބަސްވުމުން ރަމްޒުކޮށްދޭ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިރުތިޝާމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައި ދެ ޤައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަކުރައްވާފައެވެ. އަދި ފަލަސްތީނާ ބެހޭ ކަންކަމުގައި ފަރަންސޭސިވިލާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް