7,000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަ ހަކުރު ބައްޔަކީ، ރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބަލި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަހަރުގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް" ތައާރަފުކުރުމުގެ އިތުރުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ހާއްސަ ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، 7,000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަނީ ޓައިޕް 2 ގެ ހަކުރު ބައްޔަށެވެ. އަދި 30 އޮކްޓޯބަރުގެ ނިޔަލަށް ޓައިޕް 1 ގެ ހަކުރު ބަލީގެ 300 މީހުން ފަރުވާ ހޯދަމުން އަންނައިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދައެވެ.
ރާއްޖޭގައި މަރުވާ މީހުންގެ %85 މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށްވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ހަކުރު ބަލިން ރައްކާތެރިވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި، ދުރާލާ ބަލީގެ ޓެސްޓުތައް ހެދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ސްޓެޕް ސާވޭއަށް ބަލާއިރު، ރާއްޖޭގައި %35.6 ފިރިހެނުން އަދި %7.6 އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. "ނޭޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް މެދުވެރިކޮށް ސްކްރީނިންގ އިތުރަށް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.





