ހ. މާދޫގޭގައި 826 ފުޅި ބަނގުރާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ހ. ކަރޯގެ، މުޙައްމަދު ރަޝްވާން އައްބާސް (53އ) ގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް ޖަހައިފިއެވެ.
ރަޝްވާންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ރަޝްވާން މިހާރު ވަނީ ބަންދުގައި އެއް މަސް ހޭދަކޮށްފައެވެ.
ރަޝްވާންގެ މައްޗަށް ކުރެވޭ ތުހުމަތަކީ، ބިދޭސީން ނިވާފަތްގަނޑަކަށް ހަދައިގެން، މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކުމުގައި އިސްކޮށް ހުރި ކަމެވެ.
ބަންދުގެ މަޖިލީހުގައި ރަޝްވާންގެ ވަކީލު ވަނީ، އެކަށީގެންވާ މުއްދަތަކަށް މިހާރުވެސް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ބަންދުގައި ބަހައްޓަން ނިންމީ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ހ. މާދޫގެ ބަލައި ފާސްކޮށް 826 ފުޅި ބަނގުރާ އަތުލައިގަނެ، ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައެވެ. ރަޝްވާން ހައްޔަރުކުރީ އޭގެ ފަހުންނެވެ.





