ޅ. ނައިފަރުގައި ވާޓިކަލް ފާމިންގ ތަމްރީނު ނިންމާ ސެޓްފިކެޓު ދެއްވައިފި

ޅ. ނައިފަރުގައި ކުރިއަށްގެންދިޔަ ވާޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ތަމްރީނު ޕްރޮގްރާމް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓު ދިނުމުގެ ރަސްމިއްޔާތު މިއަދު އެރަށުގައި ބާއްވައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ހިންގީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޅ. ނައިފަރު ކައުންސިލާއި ގުޅިގެންނެވެ. ޖުމްލަ 36 ބައިވެރިން ބައިވެރިވި އެ ތަމްރީނަކީ، ވާޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަމުގެ އަމަލީ މަޢުލޫމާތާއި ހުނަރު، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެނެގަތުވައިދިނުމުގެ މަޤްޞަދުގައި ބޭއްވި ތަމްރީނެކެވެ.

ސްކޫލުކުދިން ވެސް ހިމެނޭހެން ބައިވެރިވި މި ތަމްރީނުގައި، ވާޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމާއި، ގަހަށް ބޭނުންވާ ކާނާ މެނޭޖްކުރުމުގެ އިތުރުން، ވާޓިކަލް ފާމިންގ ނިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ވަނީ ދެވިފައެވެ.

ތަމްރީނުގެ ދަށުން ބައިވެރިން އަމަލީގޮތުން ސިސްޓަމްތަކުގައި މުޑުވަށްކުރި ތަކެތި މިއަދު ވަނީ ކަނޑާފައެވެ.

ނައިފަރުގައި ސިސްޓަމްތައް ގާއިމުކޮށްފައިވަނީ ޖަޕާނުގެ ސަރުކާރުގެ އެހީތެރިކަމާއެކު، ޔޫއެންޑީޕީ މެދުވެރިކޮށް ހިންގި "ޕްރޮޖެކްޓް ފޯރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ" ގެ ދަށުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް