ސައުތު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ ސެފާކޯ މަކްގާތޯ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއިން ސައުތު އެފްރިކާއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ހައިކޮމިޝަނަރު ޑރ. ހާލާ ޙަމީދު، ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މަތަމެލާ ސިރިލް ރަމަފޯސާއަށް އަރުވައިފިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ރަމަފޯސާއަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރައީސް ރަމަފޯސާއަށް ދުޅަހެޔޮ ސިއްހަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ސައުތު އެފްރިކާގެ އެންމެހައި ރައްޔިތުންނަށް ސުލްހަމަސަލަސްކަމާއި ފާގަތި މުސްތަގުބަލަކަށް ވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނަރު ދެއްވިއެވެ. އަދި ދެފަރާތަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށްޓަކައި ސައުތު އެފްރިކާގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ވެސް އެކަމަނާ ހާމަކުރެއްވިއެވެ.
ސައުތު އެފްރިކާއަށް ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކުރުމަކީ، އެފްރިކާ ބައްރުގައި ދިވެހިރާއްޖޭގެ ޚާރިޖީ ދައުރު ފުޅާކޮށް އެ ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ސަރުކާރުން ދޭ ހާއްސަ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ.
ރަސްމިއްޔާތުގައި ހައިކޮމިޝަނަރުގެ އަރިހުގައި ހާރިޖީ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ. ހާލާ ޙަމީދު ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުގެ މަގާމުގެ ޒިންމާތައް އަދާކުރައްވާނީ ދިވެހިރާއްޖޭގައި ހުންނަވައިގެންނެވެ.





