މީހަކު ރަހީނުކޮށް ފޭރުނު ތުހުމަތުގައި ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

އޮޅުވާލައިގެން މީހަކު ގެއަކަށް ގެންގޮސް ރަހީނުކޮށް، އަނިޔާކޮށް ފޭރުނު ތުހުމަތުގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ގަނޑުވަރު 30 އަހަރުގެ އައުސް އަލީ ހިލްމީ، ށ. ޅައިމަގު، އަތަމާގޭ 35 އަހަރުގެ ފާރިޝް އަލީ ޝަރީފް އަދި މއ. އިރާކުމާގޭ 33 އަހަރުގެ މުހައްމަދު ނިޝާން ޖަލީލެވެ.

ބަންދު އަމުރުގައިވާ ގޮތުން، މި ތިން މީހުން ވަނީ މީހަކަށް އޮޅުވާލައިގެން ގެއަކަށް ވައްދައި، ބިރުދައްކައި އަނިޔާކޮށް، އޭނާގެ އަތުގައި ހުރި ފައިސާއާއި ބައެއް ސާމާނު އަތުލާފައެވެ.

އަދި މި މީހުން ހައްޔަރުކުރި ކޮޓަރިން އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޯޓުގައި ފާރިޝް ބުނީ، އެކަން ހިނގާފައިވަނީ އޭނާއަށް އެނގިގެން ނޫން ކަމަށެވެ.

އައުސް ބުނީ، ގަދަކަމުން އެއްވެސް މީހަކު އެ ގެއަށް ގެންގޮސްފައި ނުވާ ކަމަށާއި، އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އެތަނަށް ދިޔައީ އޭނާގެ އަމިއްލަ ރުހުމުގައި ކަމަށެވެ. އަދި ކޮޓަރިން ފެނުނު ގަޑިއަކީ އޭނާއަށް ހަދިޔާއަކަށް ދިން ގަޑިއެއް ކަމަށް ވެސް އައުސް ބުނެފައިވެއެވެ.

މި މައްސަލާގައި ހިމެނޭ ނިޝާން ކޯޓުގައި ބުނީ، އެ މީހުން ކޮޓަރިއަށް އައިއިރު އޭނާ އޮތީ ނިދާފައި ކަމަށާއި، އެތަނުގައި ހިނގި ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް