ކުރިއަށް އޮތް ހައްޖު މޫސުމުގެ އިންތިޒާމުތަކާ ގުޅޭ އެއްބަސްވުމުގައި ސައޫދީއާއެކު ސޮއިކޮށްފި

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތްތަކާ ގުޅޭ އެއްބަސްވުމުގައި، ސައޫދީ އަރަބިއްޔާގައި ކުރިއަށްދިޔަ ހަވަނަ ހައްޖު ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއާއި ސައޫދީ އަރަބިއްޔާ ސޮއިކޮށްފިއެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އުސާމް މުޙައްމަދު ސަޢީދެވެ. ސައޫދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ޢަބްދުލް ފައްތާޙް މަޝާޠެވެ.

ކޮންމެ އަހަރަކުވެސް ސޮއިކުރާ މި އެއްބަސްވުމުގައި ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ހިމެނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ހައްޖުގެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ގެންގުޅޭނެ އުސޫލުތަކާއި، ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފުނިތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، "ރާއްޖޭގެ ހައްޖު މިޝަން" އާ ގުޅޭ އިންތިޒާމުތައް ވެސް މި އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހި ހައްޖުވެރިންގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، މިނާއާއި އަރަފާތުގައި ހައްޖުވެރިން ތިބޭ ޓެންޓުތަކުގެ ފެންވަރު ވަނީ މަތިކޮށްފައެވެ. އަދި "މައްކާ ރޫޓް އިނީޝިއޭޓިވް" ރާއްޖެއަށް ތައާރަފުކުރުމާއެކު، ދެ ގައުމުގެ އިމިގްރޭޝަން މަރުހަލާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރިހަމަކުރެވޭތީ، ހައްޖުވެރިންނަށް ޖިއްދާގެ އެއާޕޯޓުގައި ކިއޫގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މި އެއްބަސްވުމުގެ އިތުރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ސައޫދީގެ ކަމާގުޅޭ މުއައްސަސާތަކާ ދެމެދު އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ތާވަލުކުރެވިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް