5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ގްރީން ނާސަރީގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބޭނުންވާ ގަސްތައް އާލާކޮށް ހެއްދުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ "ގްރީން ނާސަރީ"ގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ، މި ނާސަރީގައި އެކި ބާވަތްތަކުގެ ގަސްތަކާއި، ޚާއްޞަކޮށް ރާއްޖޭގެ މާޙައުލާ ގުޅޭ ދިވެހި ރުއްގަހާއި ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކޮށް ހައްދާނެ ކަމަށެވެ.

މި މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުންނެވެ.

ނާސަރީ ފުރިހަމަވުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މި ނާސަރީއަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް