ކޮޕް31 ގެ ހަވާސާގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ބައިވެރިވެވަޑައިގެންފި

ކޮޕް31 ސަމިޓުގެ ހަވާސާގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.

މި ޕެނަލް ޑިސްކަޝަން ޚާއްޞަކޮށްފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައި މޫސުމީ ބަދަލުތަކަށް ވިލުންވެރި އިޤްތިޞާދަކާއި މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމްޖަދު ޢަބްދުﷲ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ޤައުމީ ފެންވަރުގައި މޫސުމަށް ހޭނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ކަންކަން ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުންނެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމުގައާއި، ވިލުންވެރިކަން އިތުރުކުރުމަށް ރޭވިފައިވާ ސިޔާސަތުތައް އަވަހަށް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖެއިން އަންނަނީ މިފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް