އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން އެދިއްޖެ

އޯޓީޕީ ހޯދައިގެން ފޯނު ނަންބަރު އީ-ސިމްއަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރާ ސްކޭމްތައް އިތުރުވަމުންދާތީ، ގުޅާ ފަރާތަކީ ބޭންކެއް، ޓެލެކޮމް ކުންފުންޏެއް ނުވަތަ ރައްޓެއްސެއް ކަމަށް ބުނި ކަމުގައި ވިޔަސް، އެއްވެސް ފަރާތަކާ އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކު ހިއްސާނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، ފާއިތުވި މަސްދުވަހު ކުރި ތަހުގީގުތަކުން ދައްކާ ގޮތުގައި، މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ފޯނު ކޯލްތަކާއި ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތްކުރަމުން ކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި، މިހާރު އެންމެ އާންމު އުކުޅަކީ ޝިކާރައަކަށްވާ މީހާއަށް ގުޅައި، އޭނާ މިހާރު ބޭނުންކުރާ ނަންބަރަކީ ގުޅާ މީހާ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދުމެވެ. ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓެއް އަލުން ހޯދަން ބޭނުންވާ ކަމަށް ބުނެވެސް ކޯޑު ހޯދުމަށް މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން ހޯދާ ކޯޑުތައް ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ ނަންބަރު އީ-ސިމް މެދުވެރިކޮށް ކުށްކުރާ މީހުންގެ އަމިއްލަ ފޯނަށް ބަދަލުކުރުމުން، އެ ނަންބަރަށް އަންނަ ހުރިހާ ކޯލްތަކާއި ބޭންކިންގ އެސްއެމްއެސް އެލާޓްތައް ލިބެނީ އެ މީހުންނަށެވެ. އަދި އެ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، ބޭންކް އެކައުންޓްތަކަށް ވަދެ ފައިސާ ޓްރާންސްފަރކޮށް ބޮޑެތި މާލީ ގެއްލުންތައް ދަނީ ކުރިމަތިކުރުވަމުންނެވެ.

އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކުރި ނަންބަރެއް މިހާރު ގެންގުޅޭ މީހަކާ ގުޅާކަށް ދުވަހަކުވެސް ނުޖެހޭނެ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި ސަބަބެއް ނެތި ކުއްލިއަކަށް ފިޒިކަލް ސިމް ކާޑުގެ ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، ހުއްދައަކާ ނުލައި އީ-ސިމް ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެތީ، ވަގުތުން ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑަރާ ގުޅުމަށް ފުލުހުން އެދެއެވެ.

ޝައްކުކުރެވޭ ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާ ކަމަށް ޝައްކުކުރެވޭނަމަ، ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ 911 އަށް ރިޕޯޓުކޮށް، އެކައުންޓްތައް ފްރީޒްކުރުމަށް ބޭންކާ ގުޅުމަށް ފުލުހުން އެދިފައިވެއެވެ. ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށް އެ ޕްލެޓްފޯމެއްގެ ސަޕޯޓް ނުވަތަ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުގެ އެހީ ހޯދުމަށްވެސް ފުލުހުން ލަފާދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް