ތެލަސީމިއާ ކެރިއަރ ތަހުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑެއް ތައާރަފުކޮށް، މީގެ ކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑު ދޫކުރުން ހުއްޓާލައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކާޑު ތައާރަފުކުރީ ލޭގެ ބަލިތަކަށް ހާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އަލަށް ތައާރަފުކުރި ޑިޖިޓަލް ކާޑުގައި، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނެއެވެ. އަދި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއުއާރް ކޯޑެއްވެސް ހިމަނާފައިވާ ކަމަށް އެމްބީއެސްއިން ބުނެއެވެ.
އެ ކޯޑު މެދުވެރިކޮށް، ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެއެވެ. މި ވަގުތު ޑިޖިޓަލް ކާޑު ފޯރުކޮށްދެމުން ގެންދަނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށެވެ.
ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް ގާއިމުކޮށް، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.





