ހެލްތު އެންޑް ފެމިލީ އެކްސްޕޯގެ މަގުސަދު ފުރިހަމައަށް ހާސިލުކުރެވިއްޖެ: މިނިސްޓަރު ޤީލާ

"މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ މައިގަނޑު މަގުސަދު ފުރިހަމައަށް ހާސިލުކުރެވިފައިވާ ކަމަށާއި، ކުރީގެ އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ އެކްސްޕޯއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

އެކްސްޕޯ ކުރިއަށްދިޔަ ސަރަހައްދުގައި ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ އެކްސްޕޯގައި ބައިވެރިވުމަށް ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކަކުން އެދިފައިވާ ކަމަށާއި، މިއީ ބައިވެރިވި ހުރިހާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހިދުމަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ލިބުނު ބޮޑު ޕްރޮމޯޝަނެއް ކަމަށެވެ.

މީގެ އިތުރުން، މިދިޔަ އަހަރަށްވުރެ މި އަހަރުގެ ސްޓޯލްތަކުގެ ތައްޔާރީތަކާއި އިންތިޒާމުތައް މާ ފުރިހަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ދާއިރާގެ ތަފާތު ކަންކަމާ ގުޅޭ މައުލޫމާތު ފުރިހަމައަށް އާންމުންނަށް ފޯރުކޮށްދެވުނު ކަމަށާއި، ހެލްޕްލައިންތަކާއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް އޮޅުންފިލުވައިދިނުމުގައި ސްޓޯލްތަކުން ބޮޑު ދައުރެއް އަދާކުރި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ފަހަރު ލިބުނު ތަޖުރިބާއިން ތަރައްޤީކުރެވިދާނެ ކަންކަން ދެނެގަނެވިފައިވާ ކަމަށާއި، އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ފުޅާކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިން މި އެކްސްޕޯއަށް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް