ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) މެދުވެރިކޮށް ދޫކުރާ މާލީ އެހީތެރިކަން ވަރަށް ބޮޑަށް އިތުރުކުރަން ނިންމާފައިވާކަން ހާމަކޮށްފި އެވެ.
އެގޮތުން އަންނަ 2027 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ކަނޑައަޅާފައިވާ އަހަރީ ލިމިޓް، ކުރިން އޮތް 10 މިލިއަން އެމެރިކާ ޑޮލަރުން 40 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުކުރަން އެ ފަންޑުން ވަނީ ނިންމާފަ އެވެ.
މިކަން ހާމަކުރެއްވީ ތ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މާލީ ވުޒާރާގައި ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައި ކުވެއިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރް އެވެ. އޭނާ ވިދާޅުވީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މާލީ ވަޒީރު ޙަސަން ޒަރީރު އެދިވަޑައިގެންނެވި ކަންކަމަށް ރިއާޔަތްކޮށް މި ލިމިޓް އިތުރުކޮށްދީފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި، އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ފައިނޭންސް ކުރުމުގައި ބައިވެރިވުމަށް ވަޒީރު ޒަރީރު އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ފަށާނެ ކަމަށް ވެސް އަލްބަދަރް ވިދާޅުވި އެވެ.
ރާއްޖެއާއި ކުވެއިތު ފަންޑާ ދެމެދު ފުރަތަމަ އެއްބަސްވުމެއް ގާއިމުކުރެވުނީ 1976 ވަނަ އަހަރެވެ. މިދިޔަ 50 އަހަރުގެ ތެރޭގައި އެ ފަންޑުން ވަނީ ރާއްޖޭގެ ތަރައްގީއަށް 185 މިލިއަން ޑޮލަރުގެ 14 ލޯނެއް ދޫކޮށްފަ އެވެ. އަދި ހިލޭ އެހީއާއި ފަންނީ އެހީގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެ އެވެ.
ތ. ވޭމަންޑޫގައި ތ. އަތޮޅު ހޮސްޕިޓަލް ގާއިމު ކުރުމަށް ސޮއިކުރެވުނީ މިހާތަނަށް އޮތް 10 މިލިއަން ޑޮލަރުގެ ކަންޓްރީ ލިމިޓްގެ ދަށުންނެވެ. މިއީ ކުވެއިތު ފަންޑުން ރާއްޖެއަށް ދޫކުރި 15 ވަނަ ލޯނު ކަމަށްވާއިރު، މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ފަންޑުން އިންވެސްޓްކުރި ފުރަތަމަ ފަހަރެވެ. މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގީއަށް އެންމެ އިސްކަންދޭ ދާއިރާތަކަށް ކުވެއިތު ފަންޑުގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.





