އިޓަލީއާއެކު ވިޔަފާރީގެ ގުޅުން ފުޅާކޮށް އިންވެސްޓްކުރަން ދަޢުވަތުދީފި

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހޯދުމަށް އިޓަލީގެ ވިޔަފާރިވެރިންނަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދަޢުވަތު އަރުއްވައިފިއެވެ.

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޒަމާނީ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ޤައުމުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އިޓަލީގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ދަޢުވަތު ދެއްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، 1966 ވަނަ އަހަރު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީއްސުރެ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ އެޅުމުގައި އިޓަލީގެ ރައްޔިތުން، ޚާއްޞަކޮށް 1970 ގެ އަހަރުތަކުގެ ކުރީކޮޅު ޖޯޖް ކޯބިން ފަދަ ބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އަދި އިޓަލީއަކީ މިހާރުވެސް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މައިގަނޑު އެއް މާކެޓުކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ އިތުރުން ޓެކްނޮލޮޖީއާއި، އައު އީޖާދުތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އިޓަލީވިލާތުން ހޯދާފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ދެ ޤައުމުގެ އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުމުގެ ބޮޑު ފުރުޞަތެއް އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާއި ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ގޮތުނއ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ އިތުބާރާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ މި ގުޅުން، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް