މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގެ މެންބަރުންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް، ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތު ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
މީގެ ކުރިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޖާގަ ރިޒާވް ކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތެއް ނޯވެއެވެ.
ނަމަވެސް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ބަދަލާއެކު، ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ޕެންޝަން ފައިސާ މެދުވެރިކޮށް ޙައްޖަށް ދިއުމަށް ޖާގަ ހޯދުމުގެ މަގު މިވަނީ ފަހިވެގެން ގޮސްފައެވެ.





