ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ހުޅުމާލޭގެ ރެއިންބޯ އޯޝަންފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 30 ދުވަސް ދީފައެވެ.

އިއްޔެގެ ވަގުތެއްގައި މި ބަންދު އަމުރު އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، އެ އިސްތިއުނާފު ބަލައިގަތުމާމެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ. ކޯޓުގެ ވެބްސައިޓުގައި ބަންދު އަމުރު އާންމުކޮށްފައި ނުވާތީއާއި ފުލުހުންވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވާތީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީދާ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ކުރީގެ ފޮރިން މިނިސްޓަރުކަން ފަދަ ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު، ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. އަދި އެއީ އޭނާގެ އަބުރު ކެތިލުމުގެ ގޮތުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް