ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައި، މަޝްރޫއުގެ %68 ނިމިއްޖެ

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިއްކަމުންދާ ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައި، އެ މަސައްކަތުގެ ޖުމްލަ 68 އިންސައްތަ ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޭ ބުނެފިއެވެ.

ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 167.15 ހެކްޓަރުގެ ބިމެކެވެ. އޭގެ ތެރެއިން އެމްއެފްއެމްސީގެ ދަށުން ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރު ހިއްކާފައިވާއިރު، ނުހިއްކައި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކަން އެމްއޭސީއެލްއާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" އާއި "އޮރެންޖް ޑްރެޖަރު" ދަނީ ބޭނުންކުރަމުންނެވެ.

ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ތަފާސްހިސާބު:

  • 1،250 އަކަފޫޓު: 2،605 ގޯތި

  • 1،650 އަކަފޫޓު: 1،213 ގޯތި

  • 2،050 އަކަފޫޓު: 253 ގޯތި

  • 2،450 އަކަފޫޓު: 1 ގޯތި

  • ޖުމްލަ: 4،072 ގޯތި

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބިން ހިއްކައި ނިމުމުގެ ކުރިން ރަޖިސްޓްރީގެ މަސައްކަތް ފަށާނެއެވެ. އަދި ބިން ހިއްކައި ނިމުނުހާ އަވަހަކަށް އެންމެ އިސްކަމެއް ދީގެން ގޯތި ލިބުނު މީހުންނަށް ކަޑަޖަހައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތްވެސް އަވަސްކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް