ގޭސް ލިބުން ދަތިވެ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޭސް އަޅައިދޭ މިންވަރު ލިމިޓުކުރަން ނިންމައިފި

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިވުމާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޭސް އަޅައިދޭ މިންވަރު ލިމިޓުކުރަން މޯލްޑިވްސް ގޭހުން ނިންމައިފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސިލިންޑަރުތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލުތައް:

  • 10 ކިލޯގެ ފުޅި: އަޅައިދޭނީ 7 ކިލޯ

  • 22 ކިލޯގެ ފުޅި: އަޅައިދޭނީ 14 ކިލޯ

  • 45 ކިލޯގެ ފުޅި: އަޅައިދޭނީ 31 ކިލޯ

މޯލްޑިވްސް ގޭހުން ކަށަވަރުކޮށްދިން ގޮތުގައި މި ބަދަލާ އެކު ވެސް ގޭހުގެ އަގެއް ބޮޑެއް ނުވާނެއެވެ. އަދި ފައިސާ ނަގާނީ ހަމައެކަނި ފުޅިއަށް އަޅައިދޭ ގޭހުގެ ބަރުދަނަށް ޖެހޭ ވަރަށެވެ.

ދާއިމީ ހައްލަކާއި މާޒީގެ ތަޖުރިބާ: މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގައި ގޭސް ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއު ނިމުމުން 3 މަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މިދިޔަ މާޗު މަހުވެސް ގޭސް ލިބުން ދަތިވެގެން ގޭސް ވިއްކުން ލިމިޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް