މ. މުއްޔަށް މަސްތުވާތަކެތި އުފުލައިދޭ ކަމުގެ ތުހުމަތުގައި، މަސްތުވާތަކެއްޗާއެކު 31 އަހަރުގެ ޒުވާން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ނިއުމާ، ފާތިމަތު ސަނާ ހުސެއިން (31އ) އެވެ.
ފުލުހުންގެ ބަޔާނާ ހަވާލާދީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ސަނާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހުއްޓުވައި ފާސްކުރުމުގެ ތެރޭގައެވެ. އޭނާގެ ލަގެޖު ފޮށި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާއިރު، ހެރޮއިން ކަމަށް ބެލެވޭ އެ ތަކެތީގެ ބަރުދަނުގައި 31.17 ގްރާމް ހުއްޓެވެ.
މި މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުން އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.





