ތ. ވޭމަންޑޫ ހޮސްޕިޓަލް ތަރައްގީކުރަން ކުވޭތު ފަންޑުން 9.7 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި

ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމަށް ކުވޭތު ފަންޑުން 9.7 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއެކު މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ވޭމަންޑޫގައި 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްގީކުރަން ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު ވެވުނު މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކޭއެފްއޭއީޑީގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ރަޝަޔަދު އަލީ އަލް ބަދްރެވެ. މިއީ ކުވޭތު ފަންޑުން ރާއްޖެއަށް ފޯރުކޮށްދިން 15 ވަނަ ލޯނު ކަމަށްވާއިރު، މިއީ ސިއްހީ ދާއިރާއަށް އެ ފަންޑުން ކުރި ފުރަތަމަ އިންވެސްޓްމަންޓެވެ.

މި ރަސްމިއްޔާތުގައި ކޭއެފްއޭއީޑީން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އަހަރެއްގެ މައްޗަށް ދޭ ލޯނުގެ ލިމިޓް 10 މިލިއަން ޑޮލަރުން 40 މިލިއަން ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި ތިލަފުށީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަންވެސް އެ ފަންޑުން ވަނީ ފާޅުކޮށްފައެވެ. ސޮއިކުރުމުގެ ކުރިން، މިދިޔަ ހޯމަ ދުވަހު ކޭއެފްއޭއީޑީގެ އިސްވެރިން ވަނީ ހެލްތު މިނިސްޓަރު ގީލާ އަލީއާ ބައްދަލުކުރައްވައި، ވޭމަންޑޫ ހޮސްޕިޓަލާއި ސިއްހީ ދާއިރާ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތ. ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުން ބޮޑު ހަރަދުގައި ދުރު ހިސާބުތަކަށް ގޮސްގެން ހިދުމަތް ހޯދަންޖެހޭ ތަކްލީފަށް ހައްލު ހޯއްދަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް