ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާވާން ހުށަހެޅުއްވުމުން، އެކަން ކުރިއަށްގެންދިއުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެހެންކަމުން މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ވެފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު އެވްރެޖުކޮށް ބޮޑު މާލީ އިނާޔަތެއް ލިބިގެންދެއެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 59,700 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 25,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ލިބޭއިރު، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެހެނިހެން އިނާޔަތްތައްވެސް ފަނޑިޔާރުންނަށް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް