ތިލަފުށީ ބަނދަރުން ކޮންޓެއިނަރު ދޫކުރަން ނޮވެމްބަރުގައި ފަށަނީ

ތިލަފުށީގައި ގުދަން ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށްގެން، ތަރައްގީކުރަމުން އަންނަ ވިޔަފާރި ބަނދަރުން އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކޮންޓެއިނަރު ކަނޑައިގެން މުދާ ދޫކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، ތިލަފުށީ ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމުގެ ދަށުން ދެން އެންމެ އަވަހަށް ތައާރަފުކުރާނީ ތިލަފުށީގައި ގުދަން ހުންނަ ފަރާތްތަކަށް ކޮންޓެއިނަރު ކްލިއަރ ކުރުމުގެ ފުރުސަތު ކަމަށާއި، ނޮވެމްބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ރަސްމީކޮށް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި އައު ހިދުމަތާއެކު މާލޭ ޕޯޓަށް މުދާ ބޭލުމަށްފަހު އަލުން ތިލަފުށްޓަށް އުފުލަންޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބި، މުދާ ނެރުމުގެ މަރުހަލާ އަވަސްވެގެންދާނެއެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ތިލަފުށީ ބަނދަރުން ވަނީ، މުދަލާއެކު ކޮންޓެއިނަރު ދޯނިފަހަރަށް ލޯޑުކުރުމާއި، ހުސް ކޮންޓެއިނަރުތައް ބޭލުމުގެ ހިދުމަތް ދޭން ފަށާފައެވެ. މީގެއިތުރުން، އެ ބަނދަރުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންޓެއިނަރު ކަނޑައިގެން އެލްސީއެލް މުދާ ދޫކުރުމުގެ އިންތިޒާމުތައް ވެސް ކުރިއަށް އޮތް ތަނުގައި ހަމަޖައްސަމުން ގެންދާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ވިޔަފާރިއާއި ލޮޖިސްޓިކްސް މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ތިލަފުށީ ކޮމާޝަލް ހާބަރު މަޝްރޫއު އާއި ތިލަމާލެ ބްރިޖުގެ މަޝްރޫއު 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ނިންމައި އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. 60 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި ބަނދަރު 14.6 މީޓަރަށް ފުންކޮށްގެން ހަދާއިރު، ބައިނަލްއަގްވާމީ ބޮޑެތި މުދާ އުފުލާ ބޯޓުފަހަރަށް ސީދާ ބަނދަރަށް ކައިރިކުރެވޭނެއެވެ. މިއާއެކު މާލޭ ބަނދަރުގައި މިހާރު ހުރި 80,000 ކޮންޓެއިނަރުގެ ޖާގަ، ތިލަފުށި ހުޅުވާއިރު 390,000 ކޮންޓެއިނަރަށް ފުޅާވެ، މުދާ ބޭލުމަށް މިހާރު ހޭދަވާ 9 ދުވަހާއި 14 ދުވަހުގެ ދިގު އިންތިޒާރު، 3 ދުވަހަށްވުރެ ކުރު މުއްދަތަކަށް އަވަސްވެގެންދާނެއެވެ.

ވިޔަފާރި ބަނދަރުގެ ފުރިހަމަ މަންފާ ލިބިގެންދާނީ ތިލަމާލެ ބްރިޖް މެދުވެރިކޮށް ކަމަށްވާއިރު، 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމަށް ވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް