މިއަހަރުގެ މިހާތަނަށް އަވަށްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ 6 ވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާއިން މިއަހަރުގެ މިހާތަނަށް 104،664 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 5.8 އިންސައްތައެވެ.
އެ ވުޒާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 1،744،930 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ އެއްވަނައިގައި 329،345 ފަތުރުވެރިންނާއެކު ޗައިނާ އޮތްއިރު، ދެވަނައިގައި އޮތް ރަޝިއާއިން 253،217 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 134،487 ފަތުރުވެރިން ވަނީ އައިސްފައެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން 1،292،053 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި 377،525 ފަތުރުވެރިން ވަނީ ތިބެފައެވެ. މީގެއިތުރުން ހޮޓާތަކުގައި 39،112 ފަތުރުވެރިން، ސަފާރީ އުޅަނދުފަހަރުގައި 33،376 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 2،864 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން މާކެޓިންގެ ހާއްސަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރަމުން އަންނަ ގައުމެކެވެ.





